
މިކަން ހާމަކޮށްފައިވަނީ މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް އެންވަޔަރަންމަންޓް އެންޑް އެނާޖީ އާއި އެމްއެފްއެލްސީ ގުޅިގެންނެވެ. އެގޮތުން ދެކުނު ކޮރެއާގެ ސޮންގްޑޯގައި އޮކްޓޫބަރު 26 އިން 29 އަށް ބޭއްވި ޖީސީއެފްގެ 46 ވަނަ ބޯޑު ބައްދަލުވުމުގައި ވަނީ އެމްއެފްއެލްސީގެ އެކްރެޑިޓޭޝަން ރަސްމީކޮށް ފާސްކޮށްފައެވެ.
ޖީސީއެފްއަކީ ތަރައްޤީވަމުން އަންނަ ޤައުމުތަކުގައި މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށާއި، ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް މަދުކުރުމަށް އެހީތެރިވުމުގެ މަޤްޞަދުގައި ޤާއިމުކޮށްފައިވާ ދުނިޔޭގެ އެންމެ ބޮޑު މޫސުމީ ފަންޑެވެ. މިއީ ރާއްޖޭގެ އެއްވެސް މުއައްސަސާއަކަށް އެ ފަންޑުގެ ޑައިރެކްޓް އެކްސެސް އެންޓިޓީއެއްގެ ދަރަޖަ ލިބުނު ފުރަތަމަ ފަހަރެވެ.
މި އެކްރެޑިޓޭޝަން ހާސިލުކުރުމަށްޓަކައި އެންވަޔަރަންމަންޓް މިނިސްޓްރީއާއި ޖީސީއެފް ސެކްރެޓޭރިއެޓްގެ އިރުޝާދުގެ ދަށުން އެމްއެފްއެލްސީން ވަނީ ފާއިތުވި 11 މަސްދުވަހުގެ ތެރޭގައި ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްފައެވެ. މިގޮތުން އެ ކުންފުނީގެ ހިންގުމާއި ފަންނީ މިންގަނޑުތައް ހަރުދަނާކޮށް، ދިމާވި ހުރިހާ ގޮންޖެހުންތަކުން އަރައިގަނެ، ޖީސީއެފްގެ މިންގަނޑުތަކަށް އެ ކުންފުނީގެ ޤާބިލުކަން ވަނީ މަތިކޮށްފައެވެ.
މި ކާމިޔާބީގެ ސަބަބުން ބައިނަލްއަޤްވާމީ ފަރާތްތަކަށް ބަރޯސާވާންޖެހޭ މިންވަރު ކުޑަވެގެންދާނެއެވެ. އަދި ރާއްޖޭގެ ޤައުމީ އިދާރާތަކުން ސީދާ ޖީސީއެފްއާއެކު މަޝްރޫޢުތައް އެކުލަވާލައި ހިންގުމުގެ މަގު ފަހިވެ، ޤައުމީ ފެންވަރުގައި މިފަދަ ކަންކަން އިސްނަގައިގެން ކުރިއަށްގެންދިއުމުގެ ބާރުވެރިކަން ލިބިގެންދާނެއެވެ.
މި އެކްރެޑިޓޭޝަނާއެކު އިއާދަކުރަނިވި ހަކަތައާއި، ހަކަތަ އިޤްތިޞާދު ކުރުމާއި، ދެމެހެއްޓެނިވި ކަނޑުދަތުރުފަތުރު އަދި ފެނުގެ ރައްކާތެރިކަން ފަދަ މުހިންމު ދާއިރާތަކުން މޫސުމީ މާލީ އެހީ ހޯދުމުގެ ފުރުސަތުތައް ފަހިވެގެންދާނެ ކަމަށް ވަނީ ހާމަކޮށްފައެވެ. އެމްއެފްއެލްސީން މަސައްކަތް ކުރާނީ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ޤައުމީ ޕްލޭންތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
ސަރުކާރުން އަމާޒު ހިފާފައިވަނީ ބައިނަލްއަޤްވާމީ ފަންޑުތަކަށް ރާއްޖެއިން ސީދާ ވާސިލުވުމަށް ކުރާ މަސައްކަތްތައް އިތުރަށް ފުޅާކޮށް، ރާއްޖޭގެ ވިލުންތެރިކަމާއި ދެމެހެއްޓެނިވި ތަރައްޤީ ޔަޤީންކުރުމަށް ކުރިއަށް އޮތް ތަނުގައިވެސް ހުއްޓުމެއްނެތި މަސައްކަތް ކުރިއަށް ގެންދިއުމަށެވެ.





