0 comments 78 views
އުފެއްދުންތެރިކަމުގެ މައުރަޒުގެ 500 ސްޓޯލަށް ޒިޔާރަތްކުރައްވައި، ރައީސް މުޢިއްޒު ރެކޯޑް 11 ގަޑިއިރު ހޭދަކުރައްވައިފި
29 އޮކްޓޯބަރ 2026 (ބުރާސްފަތި)   03:49
ދިވެހިރާއްޖޭގެ ތާރީޚުގައި ބާއްވާ އެންމެ ބޮޑު އުފެއްދުންތެރިކަމުގެ މައުރަޒުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަތަރު ރޭ މަތިން 11 ގަޑިއިރު ހޭދަކުރައްވައި، 1،000 އަށްވުރެ ގިނަ އުފެއްދުންތެރީންނާ ބައްދަލުކުރައްވައިފިއެވެ.

އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ހާމަކުރެއްވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ މައުރަޒުގެ ބައިވެރިންނާއެކު ވަގުތު ހޭދަކުރެއްވުމުގައި ރެކޯޑް މިންވަރަކަށް ވަގުތު ހޭދަކުރައްވާފައެވެ. އެގޮތުން އެމަނިކުފާނު ވަނީ މައުރަޒުގެ 500 ސްޓޯލަކަށް ޒިޔާރަތް ކުރައްވާފައެވެ.

މި ޒިޔާރަތްތަކުގައި އެކި ދާއިރާތަކުގެ އުފެއްދުންތެރިންނަށް ހުރި ގޮންޖެހުންތައް ރައީސުލްޖުމްހޫރިއްޔާ ވަނީ އޮޅުންފިލުއްވައި، އެ ފަރާތްތަކުގެ ކަންބޮޑުވުންތައް އަޑުއެއްސެވިއެވެ. އަދި އެކަންކަމުގައި ސަރުކާރުން ގެންގުޅޭ ސިޔާސަތުތައް އުފެއްދުންތެރިންނަށް ސާފުކޮށްދެއްވިއެވެ.

ވަޒީރު ސަޢީދު ވިދާޅުވީ މައުރަޒުގެ ފުރަތަމަ ރޭގެ ރަސްމީ ޖަލްސާއާއި އިނާމު ދިނުމުގެ އިތުރުން ބައިވެރިންނާ ބައްދަލުކުރެއްވުމުގައި ރައީސް ހަތަރު ގަޑިއިރު ހޭދަކުރެއްވި ކަމަށެވެ. އަދި އޭގެ ފަހުން ޖެހިޖެހިގެން އައި ތިން ރޭ ވެސް ކޮންމެ ރެޔަކު ތިން ގަޑިއެއްހާއިރު މައުރަޒުގެ ސްޓޯލްތަކުގައި އެމަނިކުފާނު ހޭދަކުރެއްވި ކަމަށް ވަޒީރު ވިދާޅުވިއެވެ.

މި ފަހަރުގެ މައުރަޒަށް ރައްޔިތުންގެ ފަރާތުން ބޮޑު ތަރުޙީބެއް ލިބެމުންދާއިރު، ފުރަތަމަ ތިން ރޭގެ ތެރޭގައި އެކަނިވެސް 110،000 އަށްވުރެ ގިނަ މީހުން މައުރަޒު ބަލައިލުމަށް ޒިޔާރަތްކޮށްފައިވާ ކަމަށް ވަޒީރު ހާމަކުރެއްވިއެވެ.

ރާއްޖޭގެ އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ބާއްވާ މި މައުރަޒުގައި މިއަހަރު 430 ފަރާތަކުން ބައިވެރިވެފައިވެއެވެ. މިއީ މިދިޔަ އަހަރު ބައިވެރިވި 240 ފަރާތާ އަޅާބަލާއިރު ވަރަށް ބޮޑު އިތުރުވުމެކެވެ.

މައުރަޒުގައި 4،400 އަށްވުރެ ގިނަ އުފެއްދުން ދައްކާލާފައިވާއިރު، ޑިސްޓްރިކްޓްތަކުގެ އަދަދު ވަނީ ހަތަކަށް އިތުރުކޮށްފައެވެ. އޭގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޚާއްޞަ ވިޒިޓަރ އިކޮނޮމީ ޑިސްޓްރިކްޓާއި ބޭރު ޤައުމުތަކުގެ ޓެކްނިކަލް އުފެއްދުންތަކަށް ޚާއްޞަ އިންޓަނޭޝަނަލް ޑިސްޓްރިކްޓް ހިމެނެއެވެ.

އިޤްތިޞާދީ ވުޒާރާއާއި ބީސީސީ ގުޅިގެން ސެންޓްރަލް ޕާކުގައި ކުރިއަށްގެންދާ މި މައުރަޒަކީ 2040 ވަނަ އަހަރާ ހަމައަށް ދިވެހިރާއްޖެއަކީ ފުރިހަމައަށް ތަރައްޤީވެފައިވާ އިޤްތިޞާދެއް އޮތް ޤައުމަކަށް ހެދުމަށް ރައީސް ޑރ. މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރު ހަގީގަތަކަށް ހެދުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

އިތުރު ތަފުސީލު ހޯއްދެވުމަށް:
ކޮމެންޓް